މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ސާފް ސުޒުކީ ކަޕް 2018 ކާމިޔާބު ކުރުމާއި ގުޅިގެން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މިނިސްޓަރ އިރުތިޝާމް އާދަމް ހޫނު މަރުހަބާއެއް ދަންނަވައިފި!

16 ސެޕްޓެމްބަރު 2018 - 10:09

ބަންގްލަދޭޝްގެ ބަންގަބަންދުގައި ކުޅެވުނު ސާފް ސުޒުކީ ކަޕް 2018 ގައި ދިވެހި ޤައުމީ ޓީމް ހޯދި ކާމިޔާބީ ފަހާގަކޮށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ހޫނު މަރުހަބާ ދަންނަވައިފި އެވެ. ބަންގަބަންދު ސްޓޭޑިއަމްގައި ކުޅެވުނު ފައިނަލް މެޗު ދިވެހި ޤައުމީ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 ނެވެ. މެޗްގެ 19 ވަނަ މިނެޓްގައި ރާއްޖެ ޓީމުން ގޯލް ޖަހާފައިވަނީ އިބްރާހިމް މަހުދީ އެވެ. އަދި ދެވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ދެވެނަ ގޯލް ކާމިޔާބްކޮށްދީފައިވަނީ އަލީ ފާސިރެވެ. މިއީ ދިވެހިންނަށް ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވުނު ދެ ވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިން ފުރަތަމަ ހޯދީ މީގެ 10 އަހަރު ކުރިން 2008 ވަނަ އަހަރުގައެވެ. އެ ފަހަރުން ވެސް ދިވެހިން ފައިނަލުން މޮޅުވީ އިންޑިޔާއާ ވާދަކޮށެވެ. ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ފަޚުރުވެރި ކާމިޔާބީއެއް ހޯދިއިރު ، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ގައުމީ ޓީމުގެ ގޯލް ކީޕަރ ފައިސަލް އަށެވެ. މިއީ ދިވެހި ކީޕަރަކަށް މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު ފުރަތަމަ ފަހަރެވެ. ޤައުމީ ޓީމް ބަންގްލަދެޝް އަށް ފުރުމުގެ ކުރިން 2 އޯގަސްޓްގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ރާއްޖޭގެ ޤައުމީ ތީމުގެ ޒުވާން ކުޅުންތެރިންނާއި މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރިހަމަ ކާމިޔާބީއެއް ގެނެސް މުބާރާތުގެ ތަށި އުފުލާލާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ރައީސް ވަނީ ޓީމް ކުޅުންތެރިންނަކީ މި އުންމީދު ފުރިހަމަ ކުރެވޭނެ ފަދަ ޤާބިލް ކުޅުންތެރިންތަކެއް ގޮތުގައި ސިފަ ކުރައްވާފައެވެ. ފައިނަލް މެޗްގެ ކުރިންވެސް ރައީސް ވަނީ ޤައުމީ ޓީމްގެ ކެޕްޓަން، އަކްރަމް އަބްދުލް ޣަނީ އާއި ފޯނުން ވާހަކަފުޅު ދައްކަވާ ހިއްވަރު ދެއްވާފައެވެ.