މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2018 ގައި ބައިވެރިވާ ޤައުމީ ނެޓްބޯޅަ ޓީމާއި މިނިސްޓަރ އިރުތިޝާމް އާދަމް ބައްދަލު ކުރައްވައިފި!

29 އޯގަސްޓް 2018 - 14:08

އަންނަ ސެޕްޓެމްބަރު މަހު އޮންނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2018 ގައި ބައިވެރިވާ ޤައުމީ ނެޓްބޯޅަ ޓީމާއި މިނިސްޓަރ އިރުތިޝާމް އާދަމް ބައްދަލު ކުރައްވައިފި އެވެ. އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމުކޮށްގެން ސެޕްޓެމްބަރު 1-9 އަށް ސިންގަޕޫރުގައި ކުރިއަށް ގެންދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2018ގައި ރާއްޖޭން 16 ކުޅުންތެރިން ބައިވެރިވެ އެވެ. ކުޅުންތެރިންނަށްހިއްވަރު ދެއްވާ މިނިސްޓަރ އިރުތިޝާމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެ ތަމްސީލު ކުރަން މިފަދަ ބޮޑު މުބާރާތެއްގައި ޒުވާން އަންހެން ކުޅުންތެރިންދާތީ ފަޚްރުވެރިވެ ވަޑަގަންނަވާ ކަމަށާއި، ކުޅުންތެރިންނާއި މެދު ވަރަށް ބޮޑު އުންމީދެއް ކުރައްވާ ކަމަށެވެ. މިފަދަ މުބާރާތްތަކުގައި ރާއްޖެއިން ދާ ކުޅުންތެރިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި އުންމީދަކީ މި މުބާރާތުން ރާއްޖެއަށް ރަން މެޑަލް އެއް ލިބުން ކަމަށާއި 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިޔޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގައި ރާއްޖޭގެ ނެޓްބޯޅަ ޓީމް ބައިވެރިވެ ފުރިހަމަ ނަތީޖާއެއް ހޯދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި އަހަރުގެ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްގެ ހިމެނޭ ގޮތަށް 12 ޤައުމަކުން ބައިވެރި ވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޤައުމީ ޓިމް ފުރަން ހަމަޖެހިފައިވަނީ 29 ވަނަ ދުވަހުގެ ރޭ 20:00 ގަ އެވެ.