މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޔޫތު މިނިސްޓްރީ އިން 2 އަތޮޅެއްގެ ޒުވާނުންގެ މަރުކަޒުތަކެއްގެ މައްސަލަތައް ހައްލުކޮށް ޚިދުމަތް ދޭން ފަށައިފި!

07 ޖޫން 2018 - 00:06

ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ސިލްސިލާ މަސައްކަތްތަކުގެ ދަށުން ޔޫތު މިނިސްޓްރީ އިން 2 އަތޮޅެއްގެ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އަލުން ޚިދުމަތްދޭން ފަށައިފިއެވެ.
އޮގޮތުގެ މަތިން ޔޫތު މިނިސްޓްރީ އިން ވަނީ ހއ. ވަށަފަރު ޒުވާނުންގެ މަރުކަޒު އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ. އަދި އިތުރު ކުޅިވަރު ސާމާނުވެސް މިރަށުގެ ޒުވާނުންނަށް އެ މިނިސްޓްރީ އިން ވަނީ ފޯރުކޮށްދީފައެވެ. ވަށަފަރު ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި ޔޫތު މިނިސްޓްރީ އިން ޒުވާނުންގެ މަރުކަޒު ހުޅުވުމާއި ގުޅިގެން ހައްލުވެގެން ދިޔައީ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ. ހއ. ވަށަފަރަށް ދަތުރު ކުރެއްވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ މުޙައްމަދު ނާފިޒު ވިދާޅުވިގޮތުގައި ހއ. ފިއްލަދޫ، މާރަންދޫ އަދި ދިއްދޫ ޒުވާނުންގެ މަރުކަޒަށް ބޭނުންވާ ކުޅިވަރު ސާމާނު ވަނީ މިދަތުރުގައި ހަވާލުކުރެވިފައެވެ. މީގެ އިތުރުން ދިއްދޫ ޒުވާނުންގެ މަރުކަޒާ ހަވާލުވެ ހުންނެވި ޔޫތު މިނިސްޓްރީގެ އެޑިޝަނަލް ކޯޑިނޭޓަރ އަޙުމަދު އަބްދުލް ޤައްޔޫމް ވަނީ ނާފިޒުއާއި އެއްކޮށް ހއ ގެ 14 ރަށަށް ޒިޔާރަތްކުރައްވައި ކުޅިވަރު އެރީނާތަކުގައި ހުރި މައްސަލަތައް ބައްލަވާފައެވެ.

ޔޫތު މިނިސްޓްރީ އިންވަނީ ނ.ކެނދިކުޅުދޫ އާއި މިލަދޫގެ ޒުވާނުންގެ މަރުކަޒުވެސް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ. އަދި ނ.ވެލިދޫ ފުޓްސަލް ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ފެށިފައިވާކަމަށް އެ އަތޮޅަށް ދަތުރުކުރެއްވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ރީހާން ވަނީ ވިދާޅުވެފައެވެ. މި ޓާރފް އަކީ ޔޫތު މިނިސްޓްރީ އިން ހުއްދަ ދީގެން ވެލިދޫ ޒުވާން ޖަމްއިއްޔާ އެއްކަމަށްވާ "ބައުކަލޯ" އިން އަމިއްލަގޮތުން އަޅާ ޓާރފެއް ކަން ރީހާން ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް ވާހަކަ ދައްކަވަމުން ރީހާން ވިދާޅުވީ ރ.އިނގުރައިދޫ ފުޓްސަލް ދަނޑުގެ ލައިޓްތައް ހަރުކޮށް ނިމިފައިވާކަމަށެވެ. އަދި ބ.ދަރަވަންދޫ ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތްވެސް ކުރެވިފައިވާކަމަށް ރީހާން ވިދާޅުވިއެވެ.
ނ.އަތޮޅުގެ ރަށްތަކަށް ބޭނުންވާ ކުޅިވަރު ސާމާނު ޔޫތު މިނިސްޓްރީ އިން ވަނީ ހަވާލުކޮށްފައެވެ. އަދި ނ.ހޮޅުދޫ، މަނަދޫ، ކެނދިކުޅުދޫ އަދި ވެލިދޫގައި ޤާއިމްކުރެވިފައިވާ ކުޅިވަރު ކޯޓުތަކަށް ބޭނުންވާ ލައިޓްތައް ޔޫތު މިނިސްޓްރީ އިން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެ މިނިސްޓްރީން ވަނީ ބ.ދަރަވަންދޫ އާއި ތުޅާދޫއަށްވެސް ލައިޓްތައް ފޯރުކޮށްދީފައެވެ. ހދ.މަކުނުދޫގައި ޒުވާނުންގެ މަރުކަޒެއް ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ޔޫތު މިނިސްޓްރީ އިން ބުނެއެވެ. ޔޫތު މިނިސްޓްރީ އިން ބުނާގޮތުގައި އެ މިނިސްޓްރީގެ މަސައްކަތްތަކަށް ރަށްރަށުގެ ކައުންސިލްތަކާއި، މުއައްސަސާތަކާ ޕޮލިސް ސްޓޭޝަންގެ އިތުރުން ޒުވާނުންގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުންދެއެވެ.