މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ގަލޮޅު އެކްޓިވިޓީ ސެންޓަރ މަރާމާތަށް ބަންދުކުރުމަށްފަހު މިރޭ ހުޅުވައި ޒުވާނުންނަށް ޚިދުމަތްދޭން ފަށައިފި!

15 މެއި 2018 - 00:05

ގަލޮޅު ވިލީ ފުލުސް ކައިރީގައި ހުންނަ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރ މިރޭ ހުޅުވައިދެއްވީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީއެވެ. އަލީ ޒަކީގެ އިތުރުން ޒުވާނުންގެ މަރުކަޒުތަކާއި މިހާރު ހަވާލުވެ ހުންނެވި އެގްޒެކެޓިވް ކޯރޑިނޭޓަރ މުޙައްމަދު ޝިނާން (ނާނި) އާއި މިނިސްޓްރީގެ އިސްވެރިންނާއި، އަދި ޒުވާނުން ވަނީ މި ކުޑަ ހަފްލާގައި ބައިވެރިވެފައެވެ.
ނާނި ވިދާޅުވިގޮތުގައި ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ކުޅިވަރު ސާމާނާ އަދި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި ކުރިޔަށެވެ. މީގެ އިތުރުން އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވައިވާ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީގެ އިސް ބޭފުޅުން ރަށްރަށަށް ދަތުރުތައް ކުރައްވަމުން ގެންދަވާކަމަށްވެސް ނާނި ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ އިސް 2 އޮފިޝަލެއް ނޫނު އަތޮޅު ވެލިދޫ އަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ދަތުރެއް ކުރައްވާ މިއަދު މާލެ އެނބުރި ވަޑައިގަންނަވާފައެވެ. މި ދަތުރުގައި ވަނީ ސްޕޯޓްސް އެރީނާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. އަދި މިދެ އޮފިޝަލުން ވަނީ ޒުވާނުންގެ މަރުކަޒުގެ ހާލަތު ދެނެގަނެ ބޭނުންވާ ހައްލުތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. ދާދި ފަހުން ޒުވާނުންނަށް ޚާއްސަކޮށްގެން މާފަންނު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށްދިޔަ މާހެފުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ޒުވާނުންގެ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިޔަށްދާކަން ފާހަގަ ކުރައްވާފައެވެ.