މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ރަމަޟާން ވޮލީބޯލް ޓޯރނަމެންޓް ގއ.ވިލިނގިލީގައި ފެށިގެން ކުރިޔަށްދަނީ!

24 މެއި 2018 - 00:05

ގއ.ވިލިނގިލި ޒުވާނުނުންގެ މަރުކަޒުން އިސްނަގައިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް ވިލިނގިލި އާއި ގުޅިގެން ކުރިޔަށްގެންދާ ރަމަޟާން ވޮލީބޯލް ޓޯރނަމެންޓް ރޭ ފެށިއްޖެއެވެ.
މި މުބާރާތަކީ ގއ.ވިލިނގިލީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި އަމިއްލަ ކުންފުނިތަކުގެ އިތުރުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ކޫއްޑޭ އެއަރ ޕޯޓު ހިމެނޭގޮތަށް ޖުމްލަ 6 ޓީމް ބައިވެރިވެފައިވާ މުބާރާތެކެވެ.
ގއ.ވިލިނގިލި ޒުވާނުންގެ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހީމް ރަޝީދު (އިއްބެ) ވިދާޅުވީ، ވޮލީބޯޅައަކީ ފުޓު ބޯޅަ ނަގާފައި އެރަށު ޒުވާނުން އެންމެ ގިނައިން ކުޅޭ ކުޅިވަރުކަމުގައެވެ. "ވޮލީބޯލް އެސޯސިއޭޝަން އޮފް ވިލިނގިލީގެ އެހީތެރިކަމާއެކު ބޭއްވޭ މި މުބާރާތަކީ ރަށްފުށުގެ ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަމާއިއެކު މިރަށުގައި މިހާތަނަށް ބޭއްވޭ ފުރަތަމަ މުބާރާތް. މީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް''، އިއްބެ ވިދާޅުވިއެވެ. މީގެ އިތުރުން ގއ.ވިލިނގިލި ކައުންސިލުން މި މުބާރާތަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އިއްބެ ވަނީ ކައުންސިލް މެމްބަރުންނަށް ޝުކުރު ދަންނަވާފައެވެ.
ރޭގަނޑު މުބާރާތްތައް ކުޅެވޭ ވަރުގެ އަލިކަން ނެތުމުގެ ސަބަބުން ޔޫތު މިނިސްޓްރީއިން ގއ.ވިލިގިނގިލީ ވޮލީ ކޯޓުގައި ކުރިން ޖަހާފައި ހުރި ލައިޓްތައް ނަގާ އާ ލައިޓްތައް ހަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.