މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒުވެސް މަރާމާތަށްފަހު ހުޅުވައިފި!

19 މެއި 2018 - 00:05

ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒު ބޭނުން ނުކުރެވޭ ވަރަށް ހާލަތު ގޯސްވެފައި ވަނިކޮށް މަރާމާތަށްފަހު ހުޅުވައިފިއެވެ. ޒުވާނުންގެ މަރުކަޒުތަކާއި ކުޅިވަރު އެރީނާގައި ހިމެނޭ ކުޅިވަރު ވަސީލަތްތަކުގެ ލައިޓް ތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ރޯދަމަހާ ދިމާކޮށް ޔޫތު މިނިސްޓްރީގެ އޮފިޝަލުން އަތޮޅުތަކަށް ދަތުރުތަކެއް ކުރައްވަމުން ގެންދަވާ މިދަނޑިވަޅުގައި ފުވައްމުލައް ސިޓީއަށްވެސް ވަނީ އެ މިނިސްޓްރީގެ އިސް ދެބޭފުޅަކު ވަޑައިގަންނަވާފައެވެ.
ފުވައްމުލައް ސިޓީ ޒުވާނުންގެ މަރުކަޒު މަރާމާތަށްފަހު ހުޅުވިގެންދިޔުމާ ގުޅިގެން އެ މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އައިފާން ވިދާޅުވީ އެ ރަށު ޒުވާނުންގެ އާބާދީ ބޮޑުވެފައި ޒުވާނުންގެ މަރުކަޒުން ދޭންޖެހޭ ޚިދުމަތްވެސް ފުޅާވާންޖެހޭ ކަމަށެވެ. އެގޮތުގެ މަތިން އެރަށުގައި ޤާއިމްކުރެވިފައިވާ ޒުވާނުންގެ މަރުކަޒަށް ދިމާވެފައިވާ ދަތިތައް ދެނެގަނެވިފައިވާ ކަމަށާއި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށްވެސް އައިފާން ވިދާޅުވިއެވެ. އައިފާން ވިދާޅުވިގޮތުގައި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް ބޭނުންވާ ބައެއް ކުޅިވަރު ސާމާނު ވަނީ މި ދަތުރުގައި އެ މަރުކަޒަށް ގެނެވިފައެވެ. އަދި އިންޑޯ ހޯލްގައި މަރާމާތު ކުރެވެންހުރި ކުޅިވަރުގެ ވަސީލަތްތައް މަރާމާތުކޮށް އިތުރަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައްވެސް ކައިރި މުސްތަގުބަލެއްގައި ލިބޭނެގޮތަށް މިނިސްޓްރީގެ ޓީމާ މަޝްވަރާ ކުރެވިފައިވާކަމަށްވެސް އައިފާން ވިދާޅުވިއެވެ.
"ޙަޤީގަތުގައި މިރަށު ޒުވާނުންގެ މަރުކަޒު ރަނގަޅު ފެންވަރަކަށް ގެނެވި ރަނގަޅު ޓޯނަމެންޓް ތަކާއި، ޕްރޮގްރާމް ތަކާއި ޓްރެއިނިންގްތައް ހިނގަން ފެށީމަ ޒުވާނުން އަންނާނެ. އަދި އެފަދަ ފަހި ފުރުސަރުތަކުގެ ބޭނުންވެސް ޒުވާނުން ހިފާނެ. ޒުވާނުންނަކީ އެކުވެރި ވާދަވެރި މާހައުލެއްގައި މަސައްކަތްކޮށްގެން ކުރިޔަށްދާން ބޭނުންވާ ބައެއް، އިރާދުކުރެއްވިއްޔާ މިތަނުގެ ޖިމްވެސް އަދި ބޭރު އައުޓްޑޯ ކޯޓުތަކުގެ ފެންވަރުވެސް ރަނގަޅު ކުރެވޭނެ. ޒުވާނުންގެ މަރުކަޒުގެ މުޅި އިމާރާތާއި ބިމަށް ރަނގަޅު ކޮންސެޕްޓެއް އަލުން ހަދައިގެން ކުރިޔަށްދާން ޖެހުނު ކަމުގައިވިޔަސް އެކަން އަޅުގަނޑުމެން ކުރާނަން"، އައިފާން ވިދާޅުވިއެވެ.
މި ދަތުރުގައި އައިފާން އާއި އެކު ބައިވެރިވެވަޑައިގެންނެވި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އިބްރާހީމް ސަޢީދު (ކޭޑު) ވިދާޅުވިގޮތުގައި ފުވައްމުލައް ސިޓީގެ އެކި އަވަށުތަކުގައި ރައީސް ޔާމީންގެ ޒަޢާމަތުގައި ޤާއިމްކުރެވިފައިވާ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުތަކުގެ ލައިޓްތަކަށް ދިމާވެފައިވާ މައްސަލަތައްވެސް މިދަތުރުގައި ޙައްލުވެގެންދާނެއެވެ. އެގޮތުގެ މަތިން 400 ވޮލްޓްގެ ލެޑް ލައިޓްތައް ފުވައްވުލައް ސިޓީއަށް ގެނައުމަށް ކާގޯ ކޮށްފައިވާނެކަމަށް އައިފާން ވިދާޅުވިއެވެ. "ކުރިން ޖަހާފަ ހުންނާނީ 150 ވޮލްޓްގެ ލައިޓް، އެކަމަކު މިހާރު މިގެންނަނީ 400 ވޮލްޓްގެ ލެޑް ލައިޓް، އަޅުގަނޑުމެން މިފަހަރު އަނދާފަ ހުރި ލައިޓްތައް ބަދަލުކޮށް ކޮންމެ ދަނޑެއްވެސް ޒުވާނުންނަށް ރޭގަނޑު ކުޅެވޭވަރު ކޮށްދޭނަން، މިކަމުގަ މި ރަށުގެ ފެނަކައިގެ އިސްވެރިޔާ ތޯރިޤް އާއި ފެނަކަ ޓީމްގެ ފުރިހަމަ ސަޕޯޓް އޮތީ ލިބިފަ" ކޭޑު ވިދާޅުވިއެވެ.
ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގައި ޤާއިމްކުރެވިފައިވަނީ 3 ފުޓްސަލް ދަނޑެވެ. އިތުރު 3 ދަނޑެއްގެ މަސައްކަތް އެކި ސަބަބުތަކާއި ހުރެ ހުއްޓިފަ އޮތް އޮތުންވެސް އައިފާން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ނޫނަސް ސްޕޯޓްސް އެރީނާގައި ހިމެނޭ އެހެނިހެން ކުޅިވަރުގެ ވަސީލަތްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދެވެން އޮތީ ކޮން ގޮތްތަކަކަށްތޯ ބެލުމަށްފަހު އެކަންކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކުރައްވާނެކަމުގައި އެމިނިސްޓްރީގެ ކޯޑިނޭޓަރ އައިފާން ވަނީ ވިދާޅުވެފައެވެ.
"މިރަށުގެ ސްޕޯޓްސް އެރީނާގައި ހިމެނޭ ހުރިހާ ކޯޓުތަކެއް އަޅުގަނޑުމެން ބަލައިފިން، މިރަށުގެ އެކި އެކި މުއައްސަސާތަކާއި ވަކިން ޚާއްސަކޮށް ޒުވާނުންނާއި ގުޅިގެން ހައްލުކުރަންޖެހޭ މައްސަލަތައް ހައްލުކޮށް ނުނިމި ހުރި މަސައްކަތްތައް ކުރިޔަށް ގެންގޮސް ނިންމާލުމަކީ އަޅުގަނޑުމެންގެ އަމާޒު، މިކަމަށްޓަކައި މިރަށު އެންމެހާ މުއައްސަސާތަކާއި ޒުވާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން އަޅުގަނޑު ފާހަގަކުރަން، އަދި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ތަޖުރިބާކާރު ފަރާތްތަކާއި ބައްދަލުކޮށް އަޑު އިވުނު ވާހަކަތަކުން އަޅުގަނޑުމެންނަށް އާ ހިތްވަރެއް ލިބިއްޖެ"، އައިފާން ވިދާޅުވިއެވެ.

މީގެ އިތުރުން ނިމިދިޔަ ހަފްތާގެ ތެރޭގައި ނ.އަތޮޅު ވެލިދޫއާއި ހޮޅުދޫ ޒުވާނުންގެ މަރުކަޒުގެ ހުރި މައްސަލަތައް ހައްލުކޮށް ޚިދުމަތް ދޭން ފެށިފައިވެއެވެ. އަދި ވެލިދޫ ފުޓްސަލް ދަނޑުގެ ލައިޓިންގ މައްސަލަވެސް ވަނީ ހައްލުކުރެވިފައެވެ. އަދި މިދިޔަ ހަފްތާގައި ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރުން ޚިދުމަތްދޭން ފެށިފައިވާއިރު ވިލިމާލެ ފުޓްސަލް ދަނޑުވަނީ މެޓް ނަގައި ޓާރފް އެޅުމަށްފަހު ވަގުތީގޮތުން ރޭގައި ހުޅުވައިފައެވެ. ޔޫތު މިނިސްޓްރީގެ މަސައްކަތްތަކަށް މިހާ ހަލުވި ސްޕީޑެއް އައިސްފައި މިވަނީ ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވަހީދު އެ މިނިސްޓްރީއަށް ބަދަލުކުރެއްވުމާއި ގުޅިގެންގަން ފާހަގަކޮށްލެވެއެވެ.