މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޒުވާނުންނަށް ޚިދުމަތްތެރި ބަޔަކަށްވުމަށް މުވައްޒަފުން މަސައްކަތް ކުރަންވާނެ! ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް!

15 މެއި 2018 - 00:05

ޔޫތު މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އިއްޔެ ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ބޭއްވި މާހެފުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންވެސް ވާންވާނީ ޒުވާނުންނަށް ޚިދުމަތްތެރި ބައެއްގެ ގޮތުގައެވެ. މި ހަފްލާގައި މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ 2017 ވަނަ އަހަރުގެ އެޕްރައިޒަލް ފޯރމްތައް އިވެލުއޭޓްކޮށް 80 އިން ސައްތައަށްވުރެން މަތިން މާރކްސް ލިބުނު ސިވިލް ސަރވިސް މުވައްޒަފުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިގޮތުގައި ކޮންމެ މުވައްޒަފަކުވެސް މަސައްކަތް ކުރަންވާނީ ނަޒާހަތްތެރިކަމާއެކުގައެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާން ރައީސް ޔާމީން އިއްވެވިއިރު ސްޕޯޓްސް އެރީނާގެ 80 އިން ސައްތަ ކާމިޔާބުކުރެވުނުކަން އެނގިގެން ދިޔަކަމަށާއި، އެކަމުން ދޭހަވަނީ ޔޫތު މިނިސްޓްރީގެ ޓީމްގެ ހީވާގިކަން ކަމަށާއި ރައީސް ޔާމީންގެ ޔޫތު އެޖެންޑާ ތަންފީޒުކުރުމުގައި ޔޫތު މިނިސްޓްރީގެ މުވައްޒަފުން މިހާނަތަށް ކޮށްފައިވާ ބުރަ މަސައްކަތަށް އެކަމަނާ ޝުކުރު ދެންނެވިއެވެ.
މި ހަފްލާގައި މިނިސްޓްރީގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން މޯލްޑިވްސް އިންސްޓިޓިއުޝަން އޮފް ސްޕޯޓްސްގެ މުވައްޒަފުންނާއި، ނޭޝަނަލް ސެންޓަރ ފޯރދި އާރޓްސް، ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އަދި ނޭޝަނަލް ލައިބްރަރީގެ މުވައްޒަފުންނަށްވެސް ސެޓްފިކެޓް ދީފައިވެއެވެ. މިއަހަރު ފެށިގެން މިހާތަނަށް ބަލާލާއިރު ޔޫތު މިނިސްޓްރީގެ މަސައްކަތްތައް އެތައްގުނައެއް މައްޗައްޖެހި ޒުވާނުންނާއި ކުޅިވަރާގުޅޭ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.