މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޔޫތު ލީޑަރޝިޕް ޕްރޮގްރާމް މިއަހަރުވެސް!

16 ޖުލައި 2017 - 00:07

ދިވެހި ޒުވާނުންގެ ލީޑަރޝިޕް ކުރިއެރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ތަފާތު އެކިއެކި ޕްރޮގްރާމްތަކެއް ޒުވާނުންނަށް އަމާޒުކޮށްގެންދަނީ ޒުވާނުންގެ ވުޒާރާއިން ހިންގަމުންނެވެ. މިގޮތުން މިނިސްޓްރީއޮފް
ޔޫތު އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ވެވިފައިވާ އެއްބަސްވުމެއްގެދަށުން ކޮންމެ އަހަރަކުވެސް އަންނަނީ ޔޫތު ލީޑަރޝިޕް ޕްރޮގްރާމެއް ހިންގަމުންނެވެ.

ޔޫތު ޑިޕާޓްމެންޓްއިން މައުލޫމާތު ލިބޭގޮތުގައި މިޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 03 އިން 09 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮގްރާމްގެ ފުރަތަމަ ބައި އޮންނާނީ އޮގަސްޓް މަހުގެ 03 އިން 06 އަށް ގިރިފުށީގައެވެ. އަދި އޮގަސްޓް މަހުގެ 06 ވަނަ ދުވަހުން 07 ވަނަ ދުވަހަށް މި ޕްރޮގްރާމްގެ ދެވަނަ ބައި މާލޭގައި އޮންނާނެއެވެ. ޕްރޮގްރާމްގެ އެންމެ ފަހުގެ ހަރަކާތްތައް ކުރިޔަށްދާނީ ހުރާ
ކޭމްޕްގައެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޔޫތު ސެންޓަރުތަކުން ބައިވެރިވާ 25 މުވައްޒަފުންގެ ތަމްރީނުތައްވެސް މި ޕްރޮގްރާމްގައި ހިމާނައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން އިމިގްރޭޝަނުންވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާނެކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

ޔޫތު ލީޑަރޝިޕް ޕްރޮގްރާމްވަނީ މިދިޔަ އަހަރުގައިވެސް ބާއްވާފައެވެ. މިދިޔަ އަހަރުގެ ޕްރޮގްރާމްގައި ވަނީ 23 ކުދިން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގެ އަމާޒަކީ 500 ޔޫތު ލީޑަރުން
އުފެއްދުމެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އަންނަނީ ޒުވާނުންގެ ސިއްޙަތާއި ދުޅަހެޔޮކަމާއި އަދި އެކިކަހަލަ ކުރިއެރުންތަކަށް ބިނާކޮށްގެން ތަފާތު އެކިކަހަލަ ޕްރޮގްރާމްތައް އިންތިޒާމް ކުރަމުންނެވެ. މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް މުއައްސަސާތަކާއި އަދި އެކިއެކި ޖަމްއިއްޔާތައް އިސްނަގައިގެން މާލޭގައި ބޭއްވިގެންދިޔަ ލިޓަސް ޢީދު ފެސްޓިވަލަށްވަނީ މިނިސްޓްރީގެ ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވާފައެވެ.