Ministry of Youth, Sports & Community Empowerment

K. Thulusdhoo Futsal ground opening ceremony speech

24 August 2017

بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން. އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ފަލާހް. އިނގުރައިދޫ ކައުންސިލްގެ އިސްބޭފުޅުން. މުވައްސަސާތަކުގެ އިސްވެރިން. ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލް މުހުސިން ހަމީދު. ކަމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު. މި އުފާވެރި ހަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން.


السّــلام عليــكم ورحـمــة اللّـه وبـركاتـه، • އާދެ! މިއަދު މިހުޅުވޭ ފުޓްސަލް ދަނޑަކީ އެންމެ ޒަމާނީ ފެންވަރެއްގައި ރޭގަނޑާއި ދުވާލުވެސް ކުޅެވޭނެ ގޮތަށް ލައިޓިން ސިސްޓަމް ހަރުކުރެވި ޓާފް އެޅިފައިވާ ދަނޑެއް.

 • މިދަނޑަކީ ދައުލަތުގެ ބަޖެޓުން 1.8 މިލިޔަނަށްވުރެ ގިނަ ރުދިޔާ ޚަރަދުކޮށްގެން ގާއިމްކުރެވިފައިވާ ދަނޑެއް.

 • ފުޓްސަލް ދަނޑުގެ އިތުރުން މިރަށުގައި ވާނީ އަންހެން ކަނބަލުންނަށް ހާއްސަކުރެވިގެން ބަށި ކޯޓެއް ގާއިމް ކުރެވިފަ.

 • މިރަށުގައި އިތުރު 2 ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓެއް އެޅުމަށް ބިޑްތައް ދަނީ އިވެލުއޭޓް ކުރެވެމުން. މިމަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާއި ހަވާލު ކުރެވިގެންދާނެ.

 • މިރަށުގައި ގާއިމްކުރެވިފައިވާ ކުޅިވަރުގެ ވަސީލަތްތަކަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފަ.

 • ކ. އަތޮޅަކީވެސް ސްޕޯޓްސް އެރީނާ މަޝްރޫޢު ބާރު ސްޕީޑެއްގައި ކުރިއަށްދާ އަތޮޅެއް.

 • މިއަތޮޅުގައި މިހާތަނަށް 5 ރަށެއްގައި ފުޓްސަލް ދަނޑު ވަނީ ގާއިމް ކުރެވިފަ. އަދި 4 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުން.

 • މިއަތޮޅުގައި ގާއިމްކުރެވިފައިވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރުމަށް ދައުލަތުގެ ބަޖެޓުން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ވަނީ ޚަރަދު ކުރެވިފަ.

 • ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ރަށުން ހިންގޭ މިފަދަ މަޝްރޫޢުތަކަށް ރަށުގެ ކައުންސިލާއި ޒުވާނުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް މިހާރަށްވުރެވެސް ބޮޑަށް ބޭނުންވޭ.

 • މިއަތޮޅުގެވެސް ބައެއް ރަށްތަކުގައި މިފަދަ މައްސަލަތަކެއް ދިމާވެފައިވާކަމީ ހިތާމަކުރާކަމެއް.

 • ސަރުކާރުން އެއްވެސް ފީއެއް ނެގުމެއްނެތި ޒުވާނުންނަށް ގެނެސްދޭ މިފަދަ ތަރައްގީތައް ބަލައި ގަތުމަކީ ރައްޔިތުންނަށްޓަކައިވެސް ކުރަންޖެހޭ ކަމެއް.

 • އާދެ! ކުރިއަށް އޮތީ ބަރަކާތްތެރި އަޟްހާ އީދު. އީދާއި ދިމާކޮށް ޒުވާނުންށް ލިބޭ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އަމިއްލަ ރަށުގައި ތިބެ އެންމެ ޒަމާނީ ފެންވަރެއްގެ ފުޓްސަލަ ދަނޑުތަކާއި އެނޫންވެސް ވަސީލަތްތަތަކުގައި ވާދަވެރި މުބާރާތްތައް ބާއްވައި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ ފުރުސަތު ތަނަވަސް ވެފައިވުން.

 • ރައީސް ޔާމީން ޒުވާނުންގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެެރެއިން މިހާތަނަށް ރާއްޖޭގެ 70 ރަށެއްގައި ފުޓްސަލް ދަނޑު ވަނީ ގާއިމް ކުރެވިފަ. މި ދަނޑުތައް ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކުރެވިފަ.

 • ހަމަ އެހެންމެ 101 ދަނޑެއްގެ މަސައްކަތްވެސް މިހާރުވެސް ކުރެވެމުންދާއިރު 26 ދަނޑެއްގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ވަނީ ޕްލެއިން ކުރެވިފަ.

 • މިފުރުސަތުތަކަކީ އަދުގެ ރައީސުލް ޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ޒުވާނުންނަށް ހާއްސަ ކުރައްވައިގެން ގެނެސްދެއްވާފައިވާ ތަރައްގީ. އެހެންކަމުން މިފުރުސަތުގައި އެމަނިކުފާނަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.

 • އާދެ! ޒުވާނުން އެކި ދާއިރާތަކުން ގައުމަށް ކޮށްދެއްވާ ޙިދުމަތްތަކުގެ އަގުވަޒަން ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކި އެފަރާތްތަކުގެ އަގު ނުހަނު މަތީފެންވަރެއްގައި ސަރުކާރުން ދަނީ ފާހަނގަކުރަމުން.

 • އިރާދަ ކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ދިވެހި ޒުވާނުންނަށް ހާއްސަ ކުރެވިފައިވާ ޒުވާނުންގެ ދުވަހަށް ވާއިރު އެދުވަހު ގިނަ ހަރަކާތްތަކެއް ރާވައި ހިންގުމަށް ވަނީ ޕްލައި ކުރެވިފަ.

 • އެކި ދާއިރާތަކުން ޒުވާނުން ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކޮށް ދެވޭ ޒުވާނުންގެ އިނާމަށް ކުރިމަތި ލުމުގެ ފުރުސަތު އީދު ބަންދަށްފަހު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރުމަށް ދަނީ މަސައްކަތް ކުރެވެމުން.

 • އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިންވެސް ދިވެހި ޒުވާނުންނަށް، ރާއްޖޭގެ މުސްތަގުބަލަށް ރައީސުލް ޖުމްހޫރިއްޔާ ގެނެސްދެއްވާ ތަރައްގީއަށްޓަކައި ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ގެނެސްދެއްވި އިންގިލާބީ ހެޔޮ ބަދަލުތަކަށްޓަކައި އެމަނިކުފާނަށް ކުޅިވަރުގެ އައިލާގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ވާހަކަ ނިންމާލާނީ މިއަތޮޅުގެ ޒުވާނުންނަށް، މިއަތޮޅުގެ ރަށްޔިތުންނަށް އަދި މިރަށާއި، ރާއްޖޭގެ އެންމެހާ ޒުވާނުންނާއި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށް އެދެމުން. އެންމެހާ ބޭފުޅުންނަށްވެސް ބާއްޖަވެރި ދުވަހަކަށް އެދެމުން ވަކިވެލަން.

 •    ولسّــلام عليــكم ورحـمــة اللّـه وبـركاتـه،