Ministry of Youth, Sports & Community Empowerment

Ministers Speech at the Olympic Comittee Congress

08 April 2017

بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން. އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު. ސެކަޓްރީ ޖެނެލަރަލް އަހުމަދު މަރުޒޫގް. އޮލިމްޕިކް ކޮމިޓީގެ ވެރިންނާއި ހީވާގި މުވައްޒިފުން. ރާއްޖޭގެ ކުޅިވަރު ވުޒާރާތަކުގެ އިސްބޭފުޅުން. މި އުފާވެރި ހަފްލާއަށް ވަޑައިގެންނެވި އެންމެހާ ބޭފުޅުން.


السّــلام عليــكم ورحـمــة اللّـه وبـركاتـه، • އާދެ! މިފަދަ އުފާވެރި ހަފްލާއަކަށް އަޅުގަނޑަށް ދައުވަތު ދެއްވި ކަމަށްޓަކައި އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދަށާއި، އޮލިމްޕިކް ކޮމިޓީގެ އެކްސްކޯއަށް ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.

 • ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ވަކިން ހާއްސަކޮށް އޮލިމްޕިކްސް ކުޅިވަރުތައް ކުރިއެރުވުމަށް އޮލިމްޕިކް ކޮމިޓީން ދަނީ ނުހަނުބޮޑެތި މަސައްކަތްތަކެއް ސަރުކާރާއި ގުޅިގެން ކުރަމުން. ޒުވާން އެތުލީޓުން އުފެއްދުމާއި އެތުލީޓުންނަށް ތަމްރީން ފުރުސަތު ހޯދައި ދިނުމާއި، އެކި ކުޅިވަރުތަކުން ގައުމަށް ރީތިނަން ހޯދައި ދިނުމުގައި އޮލިމްޕިކް ކޮމިޓީން ކުރަމުންދާ މަސައްކަތަކީ ނުހަނު އުފަލާއިއެކު ބަލައިގަންނަ މަސައްކަތްތަކެއް.

 • އާދެ! ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ގެނެވިފައިވާ ބަދަލުތަކަކީ ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ކުޅިވަރަށް ލިބިފައި ނުވާވަރުގެ ބޮޑު ކުރިއެރުމެއް ކަމުގައި މުޅި ކުޅިވަރު އާއިލާވެސް ހެކިވޭ.

 • މިފުރުސަތުގައި އެމަނިކުފާނު ދިވެހި ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ އިހުލާސްތެރި މަސައްކަތްޕުޅުތަކަށްޓަކައި ކުޅިވަރު އާއިލާގެ ނަމުގައި ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.

 • އާދެ! ފާއިތުވެގެން ދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސް މުހިންމު މަސައްކަތްތަކެއް ފެށުނު އަހަރެއްގެ ގޮތުގަ. އެގޮތުން ރާއްޖޭގެ ގިނަކުޅިވަރު އެސޯސިއޭޝަންތަކެެއްގެ އިންތިހާބު ބޭއްވި ޒުވާން ހިންގުންތެރި ފަރާތްތައް ވަނީ އެސޯސިއޭޝަން ތަކުގެ ހިންގުމާއި ހަވާލުވެފަ. މިއީ ކުޅިވަރު ކުރިއަރުވައި އެސޯސިއޭޝަންތަކުން ކުރަންބޭނުންވާ ކަންކަން ހާސިލް ކުރުމުގައި އިތުރު މަގުތަކެއް ފަސޭހަ ވެގެންދިޔަކަމެއް. މިއަދު ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ހަރަކާތްތެރިހާ އެކްސްކޯތަކަކީ ޒުވާން ނޫކަށި ފުރައިގެ ފަރާތްތަކަށްވާކަމީ ނުހަނު އުފަލާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއް. އަދި މިފުރުސަތުގައި މީގެ ކުރިން އެސޯސިއޭޝަންތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ހިންގުނެތެރި ވެރިންނަށާއި އެކްސްކޯތަކުގައި ހިމެނި ވަޑައިގަންނަވާ އެނެމެހާ ބޭފުޅުންނަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.

 • ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގަންނެވި ފަހުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރެވެމުން. އެސޯސިއޭޝަންތައް ހިންގުމަށް ކަޑައަޅާ ބެޖެޓަކީ އެ އެސޯސިއޭޝަނަކުން ރާވާ ހިންގާ ހަރަކާތްތައް ހިންގޭ ވަރުގެ ބަޖެޓަކަށް ވުމަކީ ކޮންމެ އެސޯސިއޭޝަނެއްގެވެސް އުންމީދެއް. މިއަހަރަށް ބަޖެޓް ކަޑައެޅިގެންދިޔަ އިރު މިކަމުގައި ކޮންމެވެސް ވަރެއްގެ ތާށިތަކެއް ކުރިމަތިވެފައި ވީނަމަވެސް ބެޖެޓްގެ މައްސަލަ ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ވާހަކަދައްކައިގެން ދަނީ މަސައްކަތް ކުރެވެމުން. އެގޮތުން ފިނޭންސް މިނިސްޓްރީއާއި ރައީސް އޮފީހާއިވެސް މަޝްވަރާ ކުރެވި މިކަމަށް އަވަސް ހައްލެއް ހޯދުމަށް މިހާރުވެސް މަޝްވަރާތައް ކުރެވެމުންދާކަމުގައި ދަންނަވަން.

 • އާދެ! ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މިކުރެވޭ މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުންދޭ. އެކި ކުޅިވަރުތަކުން ގައުމަށް ރީތިނަން ހޯދާ ފަރާތްތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަމީ ނުހަނު އުފަލާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއް. އެގޮތުން މިދިޔަ އަހަރު އިންޑިޔާގައި ބޭއްވުނު ސައުތުއޭޝިއަން ގޭމްސްގައި ރިހި މެޑެލް ހޯދައި އިންޑިޔާގައި ބޭއްވުނު ގްރޭންޑް ޕެއާރ ގައި ރަން މެޑެލް ހަސަން ސާއިދު ވަނީ ހޯދާ. އަދި އިންޑިޔާގައި ބޭއްވުނު ސައުތުއޭޝިއަން ގޭމްސްގެ ސްވިމިިން އިންޑިވިޖުއަލް ކެޓަގަރީން ލޯމެޑެލް ހޯދާ އާމިނަތު ސަޖަން ވަނީ ގައުމަށް ރީތި ނަމެއް ހޯދައިދީފަ. އަދި މިއީ ބައިނަލް އަގުވާމީ ގޭމްސްގައި އަންހެން އެތުލީޓަކު ގައުމަށް ހޯދައިދިން މިފަދަ ފުރުތަމަ ނެޑެލްކަންވެސް ފާހަގަކޮށްލަން. މީގެ އިތުރުން ލަންކާގައި ބޭއްވުނު ޗެސް އިންޓަރނޭޝަނަލް މުބާރާތުގައި ރަން މެޑެލް ވަނީ ހޯދާފަ. މެލޭޝިއާ އަދި ލަންކާގައި ބޭއްވުނު ސްވިމިން މުބާރާތްތަކުން ގޯލްޑް، ސިލްވާ އަދި ބްރައުންޒް މެޑްލް ޒުވާން ފެތުންތެރިން ހޯދާފައިވާއިރު މެލޭޝިގައި ބޭއްވުނު ބޮޑީ ބޯޑިން މުބާރާތްތަކުގައި ގޯލްޑް، ސިލްވާ އަދި ބްރައުންޒް މެޑްލް ވަނީ ހޯދާފަ. މީގެ އިތުރުން ތައިލޭންޑްގައި ބޭއްވުނު ސީނިއާ މެންސް ސެންޓްރަލް ޒޯންގައި ބްރައުންޒް މެޑެލް ދިވެހި ވޮލީ ޓީމު ހޯދާފައިވާއިރު ދިވެހި ބާސްކެޓްބޯޅަ ޓީމުންވަނީ އިންޑިޔާގައި ބޭއްވި އެފްއައިބީއޭ މެންސް އޭޝިޔާ ޗެލެންޖްގެ ރިހި މެޑެލް އަދި ނޭޕާލްގައި ބޭއްވުނު ފުރުތަމަ ސާބާ ވިމެންސް ޗެންޕިއަންޝިޕްގައި ބްރައުންޒް މެޑެލް ހޯދާފަ. މީގެ އިތުރުން ދާދިފަހުން ބަންގްލަދޭޝްގައި ބޭއްވުނު ޝެއިހު ކަމާލް އިންޓަރ ނޭޝަނަލް މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ގައުމަށް ރަން މެޑެލް ހޯދަދީފަ.

 • ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ މެޑެލް ހޯދި އަހަރަށް ފާއިތުވެދިޔަ 2016 ވަނަ އަހަރު ވެގެންދާކަމީ ނުހަނު އުފަލާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއް. މިއީ ރާއްޖޭގެ ކުޅިވަރު ކުރިއަރައި ތަރައްގީ ވަމުންދާ މިންވަރު ހާމަވާ ވަރަށްބޮޑު ހެއްކެއް. މިފުރުސަތުގައި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް މަސައްކަތް ކުރެއްވި އެންމެހާ އެތުލީތުންނަށާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުންތެރި އެކްސްކޯތަަކަށް ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު އަދާކުރަން.

 • ކުޅިވަރު ކުޅުންތެރިންނަށް ތަމްރީނުގެ ފުރުސަތު ފަހިކޮށް ދިނުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދާ މަސައްކަތެއް. ކޮމަންވެލްތުން ރާއްޖެ ވަކިވި ކަމުގައި ވީނަމަވެސް އެތަމްރީންކާއި ކޯސްތައް މެދު ނުކެޑޭނެހެން ކުރިޔަށް ގެންދެވޭނެ ގޮތްތަކެއް ވަނީ ފަހިކޮށްދެވިފަ. އެގޮތުން މިހާރުވެސް އެޑިއުކޭޝަން މިނިސްޓްރީއާއި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތައް ގުޅިގެން ސްޕޯޓްސް ސްކޮލަޝިޕްގެ ފުރުސަތުތަކާއި އެނޫންވެސް އެކި ކުޅިވަރުތަކުގައި ތަމްރީން ކުރަމުންދާ ދަރިވަރުންނަށް އެކި ވަރުގެ އެހީތެރިކަން މިއަދުވެސް ދަނީ ފޯރުކޮށްދެވެމެނުން. މިފުރުސަތުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމަށްވެސް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.

 • އާދެ! ރާއްޖެއަކީ 99 އިންސައްތަ ކަޑު އެކުލެވޭ ގައުމަކަށްވާއިރު މޫދު ކުޅިވަރުތަކަށް ދެވޭ ސަމާލުކަންވެސް އެއްދުވަހުން އެނެއް ދުވަހަށް ދަނީ އިތުރު ކުރެވެމުން. އެގޮތުން އޮލިމްޕިކް ކުޅިވަރެއްގެ ގޮތުގައި ސާފިން ހަމަޖެހި އެންމެ އަވަހަށް ބޭއްވޭ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ސާފިން ބައިގައި ރާއްޖޭގެ ސާފަރުންނަށް ބައިވެރިވެވޭނެ ފުރުސަތު ތަނަވަސް ވެފައިވާކަމީ ނުހަނު އުފަލާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއް. މިފުރުސަތުގައި ސާފިން އެސޯސިއޭޝަންގެ ހިންގުންތެރި ވެރިންނާއި އެންމެހާ މެމްބަރުންނަށް މަރުހަބާ ދަންނަވަން.

 • ރާއްޖޭގެ ކުޅިވަރަށް އަންނަމުންމިދާ ކުރިއެރުންތަކާއި އެކު ގައުމުން ބޭރުގެ އެކި މުބާރާތްތަކުގައި ގައުމު ތަމްސީލު ކުރުމަށް ލިބޭ ފުރުސަތުތައްވެސް މިދަނީ އިތުރުވަމުން. މިގޮތަށް ލިބޭ ފުރުސަތުތަކުގައި ކުޅިވަރުތަކުން ސިލްވަރ މެޑެލް ނޫނީ ގޯލްޑް މެޑެލް ގެނައުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޓާގެޓް. މިޓާގެޓަށް ވާސިލް ވުމަށް ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުން ދަނީ ނުހަނު ބުރަކޮށް މަސައްކަތް ކުރަމުން. އަދި މިފުރުސަތުގައި މިއަހަރު މެއި މަހުގެ ތެރޭގައި އަޒަރުބައިޖާންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑޭރިޓީގައި ވާދާކުރާ ރާއްޖޭގެ 5 ކުޅިވަރުންވެސް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. އަދި މިއީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބައިވެރިވާ މުބާރާތަކަށްވެފައި މިފަދަ ހޭދަތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްވެސް އިލްތިމާސްކުރަން.

 • އާދެ! ދިވެހި ކުޅިވަރު ކުރިއެރުވުމަށްޓަކައި ގައުމުން ބޭރުގައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން ރާއްޖޭގައިވެސް މިފަދަ ބޮޑު މުބާރާތްތައް ބޭއްވުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން.

 • އެގޮތުން މިނިސްޓްރީއާއި އޮލިމްޕިކް ކޮމިޓީ ގުޅިގެން 2018 ވަނަ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ގައުމީ ޔޫތު ގޭމްސް އެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ. ރާއްޖޭގައި ކުޅެވޭ ގިނަ ކުޅިވަރުތަކަކަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތް ވެގެންދާނީ ގައުމުން ބޭރުގައި ބާއްވާ މިފަދަ ބައިނަލް އަގުވާމީ މުބާރާތަތަކަށް ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުސަތަކަށް. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި އިންޓަރ ނޭޝަނަލް މިފަދަ މުބާރާތެއް ބޭއްވުމުގެ ފުރުސަތުވެސް ބޮޑުވެގެންދޭ. މި ގޭމްސް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ނުބާވާވަރުގެ ބޮޑު އަދި ގިނަ ކުޅިވަރުތަކެއް ބައިވެރިވެގެން ބާއްވާ މިފަދަ ފުރުތަމަ ކުޅިވަރު މުބާރާތުގެ ގޮތުގަ.

 • އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިންވެސް އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ދިވެހި ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ އަގުނުކުރެވޭ ހިދުމަތްތައް ފާހަގަކޮށް ނުހަނު އިހުލާސްތެރި ކަމާއިއެކު ކުޅިވަރުގެ އާއިލާގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަދާކުރަން. މިފުރުސަތުގައި ރާއްޖޭގެ ކުޅިވަރު ކުރި އެރުވުމަށް ކުޅިވަރުގެ އާއިލާގެ އެންމެހާ ބޭފުޅުންނާއި ކުޅިވަރަށް ލޯބިކުރާ އެންމެހާ ފަރާތްތަކުގެ ނަން ފާހަގަކޮށް އެފަރާތްތަކަށްވެސް ޝުކުރު އަދާކުރަން. އަދި މިއަދު މިފެށިގެންދާ އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ބައްދަލުވުމަކީ ކަމިޔާބު ބައްދަލުވުމެއް ކަމުގައި ވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި ﷲގެ ހެޔު ރަހުމަތް މިންވަރު ކުރައްވާށި. އާމީން.

 • ولسّــلام عليــكم ورحـمــة اللّـه وبـركاتـه،